ވެރިމީހާ އާ ދެކޮޅަށް ތެދުވުން ހުއްދައީ އެންމެ ހާލަތެއްގައި

   އިސްލާމް ދީނަށް އުޅުމުގައި ހުރަހެއް ކުރިމަތި ނުވާހާ ހިނދަކު އިސްލާމީ ވެރިއަކާ ދެކޮޅަށް ތެދުވުން އިސްލާމްދީނުގައި ހުއްދައެއް ނޫނެވެ. އިސްލާމްދީން ބާރުއަޅަނީ ސުލްހަވެރިކަކަމާއެކު އިސްލާހީ މަސއްކަތް ކުރުމަށެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ.” މާތް ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. “މުސްލިމް މީހާގެ މައްޗަށް ވަނީ، އޭނާގެ ހިތްރުހޭ ކަންކަމުގައްޔާއި ހިތް ނުރުހޭ ކަންކަމުގައި ވެސް (ވެރިންނަށް) ކިޔަމަންވުމެވެ. އެކަމަކު އުރެދުމަކަށް އަމުރުކުރެވިއްޖެ ހިނދެއްގައި މެނުވީއެވެ. ފަހެމ އުރެދުމަކަށް އަމުރުކުރެވިއްޖެ ނަމަ، ފަހެ، އެ އަޑު އެހުމެއް ވެސް، އަދި ކިޔަމަންގަތުމެއް ވެސް ނުވެއެވެ.”

ވަރަށް ގިނަ ހަދީސްފުޅުތަކުގައި މިފަދައިން ބަޔާންކުރައްވާފައިވެއެވެ. ވެރިމީހާ ކިތަންމެ ނުބައި ނުލަފާވި ކަމުގައި ވިޔަސް،  ގަދަބާރުން ވެރިމީހާ ދުރުކޮށްފިނަމަ، އެއަށްފަހު ފުރޮޅިގެންދާ ކަންތައްތައް ނުބައިވާނެއެވެ. ނުރައްކާތެރި މުޖުތަމައަކަށް ބަދަލުވެގެންދާނެއެވެ. އަދުލުއިންސާފާއި ހަމަޖެހުން ގާއިމްކުރުމަށް ދަތިވާނެއެވެ. މިއީ ހިކުމަތްތަކެވެވެ. ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް އުފައްދައިގެން ވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ސަބަބުން  ހިތައްވެސް ނުގެނެވޭހާ ނުބައިކަންތައްތަކެއް ކުރިމަތިވެދާނެއެވެ.

ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. “އެމީހެއްގެ ވެރިމީހާގެ ކިބައިން ތިމާ ނުރުހޭ ކަމެއް ދެކެފި މީހާ، ކެތްތެރިވާހުށިކަމެވެ. އެހެނީ، ހަމަކަށަވަރުން، ވެރިމީހާއާ ދެކޮޅަށް ކައިވަތެއްގެ މިންވަރަށް ނުކުމެއްޖެ މީހާ (އެބަހީ:ވެރިންނާ ކިތަންމެ ކުޑަކޮށް ވިއަސް ދެކޮޅުވެރިވެއްޖެ މީހާ) މަރުވާހުށި، ޖާހިލު މަރަކުންނެވެ.”

މިކަމަކީ ހުރިހައި ދަންނަބޭކަލުންވެސް އިއްތިފާގުވެވަޑައިގަންނަވާކަމެކެވެ. އެންމެ ކުރީޒަމާނުގެ އިލްމްވެރިންގެ ތެރެއިން އަބްދުﷲ ބިން އުމަރާއި އަހުމަދު އިބްނު ހަމްބަލް ފަދަ ބޭފުޅުންނަކީ މިކަމާ ވަރަށް ދެކޮޅު ބޭފުޅުންނެވެ. މި ދެބޭފުޅުންނަކީ މުސްލިމް ވެރިޔަކާ ދެކޮޅަށް ތެދުވުމާއި މެދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅުން ކަމަށް އަބޫބަކުރު މަރްވާޒީ ވިދާޅުވެފައިވެއެވެ.

އަށް ވަނަ ގަރުނުގެ މަޝްހޫރު ދީނީ އިލްމްވެރިޔާ އިބްނު ގައްޔުމް ވިދާޅުވެފައި ވަނީ މައްކާގައި ނުބައިކަންތައްތައް ހައްދުފަހަނަޅައިގެން ދިޔައިރު މާތް ރަސޫލާ ﷺ އަށް އެ ރަށް ބަދަލު ކުރުމުގެ ފުރިހަމަ ގާބިލްކަން ލިބިވަޑައިގެންފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، އެކަލޭގެފާނު އެކަން ނުކުރެއްވީ އެކަމުގެ ސަބަބުން ނިކުމެދާނެ ނުރަނގަޅު ކަންތައްތަކެއްގެ ސަބަބުންނެވެ. މައްކާ އޮތް ހާލަތަށް ވުރެ ބޮޑު ނުބައިކަމެއް ފެތުރިދާނެތީއެވެ. ގުރައިޝުންނަކީ ކެތްތެރިކަމެއް ނެތް ބަޔަކަށް ވާތީއެވެ. މި ސަބަބުތަކަށްޓަކައި މައްކާގެ ލީޑަރުންނާ ދެކޮޅަށް އިތުރު އެކަލޭގެފާނު ތެދުވެ ވަޑައެއް ނުގަންނަވައެވެ. އިތުރު އެކަލޭގެފާނު މަސައްކަތްކުރެއްވީ ރުހާނީގޮތުންނާއި މައުނަވީގޮތުންނެވެ.

އިސްލާމީ ތާރީޚްގެ ގަދަރުލިބިވަޑައިގެންވާ އިލްމްވެރިއެއް ކަމަށްވާ ހަސަން އަލް ބަސަރީގެ އަރިއަހަށް މުސްލިމުންގެ ބަޔަކު ދިޔައެވެ. އެމީހުން ބަސަރީގެ އަރިހަށް ދިޔައީ އޭރު ހުރި ޖައްބާރު ވެރިއެއް ކަމަށްވާ އަލް ހައްޖާޖް އާ ދެކޮޅަށް ތެދުވެ ހަނގުރާމަކުރުމާ މެދު ޚިޔާލުހޯދުމަށެވެ. “އަހަރެމެންގެ ލޭ ހައްގަކާ ނުލައި އޮހުރުވައި، އަހަރެމެންގެ މުދާ ހައްގަކާ ނުލައި އަތުލައި މިފަދަ ކަންތައްތައް ކުރަމުންދާ އަނިޔާވެރި ވެރިމީހާ އާ ދެކޮޅަށް ހަނގުރާމަކުރުމާއި މެދު ވިދާޅުވަނީ ކީކޭތޯއެވެ؟” އެމީހުން ސުވާލުކުރިއެވެ.

އަލް ހަސަން ޖަވާބުދެއްވިއެވެ. “އަހަރެންގެ ނިންމުމަކީ އޭނާ އާ ދެކޮޅަށް ހަނގުރާމަ ނުކުރުމެވެ. މިއީ މާތްﷲ ގެ ކޯފާއެއް ކަމުގައި ވަނީ ނަމަ، ތިކަޔަކަމެއް ކަނޑިއަކުން ހައްލެއް ނުކުރެވޭނެއެވެ. ތިޔައީ މާތްﷲ ގެ އިމްތިހާނުކުރެއްވުމެއް ނަމަ، ކެތްތެރިކަމާއެކު ތިބޭށެވެ. އެކަލާނގެއީ އެންމެ އިންސާފުވެރި ފަރާތެވެ.”

މި ޚިޔާލުފުޅު އަލް ހަސަން ދެންވުމުން އެމީހުން އެތަން ދޫކޮށް ދިޔައެވެ. އަދި އެ މީހުން އަލް ހަސަންގެ ބަސްފުޅާ ދެކޮޅުވެ އަލް ހައްޖާޖާ ކުރިމަތިލިއެވެ. ނަތީޖާއަކަށްވީ ހައްޖާޖު އެމީހުން ގަތުލުކުރުމެވެ.

އަލް ހަސަން އަށް މިކަން އެނގިވަޑައިގަތުމުން ވިދާޅުވިއެވެ. “އެމީހުން ގެ މައްޗަށް އަނިޔާވެރިވަމުން ދިޔަ ވެރިމީހާގެ އަމަލުތަކަށް އެމީހުން ކެތްކުރި ނަމަ، މާތްﷲ އެމީހުންނަށް މަގެއް ދައްކަވާނެއެވެ. އެހެން ނަމަވެސް އެމީހުން އަވަސްވެގަތީ ކަނޑިތައް ނެގުމަށެވެ. އަދި އެމީހުން ދޫކޮށް އެދިޔައީ އެ ކަނޑިތަކެވެ.

އަލް އިމާމް އަހުމަދު ބިން ހަންބަލް ގެ އަރިހަށް، ފަނޑިޔާރުންތަކެއް ވަޑައިގަތެވެ. އަބޫބަކުރު ބިން އުބައިދު އާއި އިބްރާހިމް ބިން އަލީ އަލް މަތްބަކީ އަދި ފަދުލް ބިން އާސިމް އެވެ. އެބޭފުޅުންގެ ކަންބޮޑުވުމަކީ އޭރު ހުރި ވެރިމީހާ ކީރިތި ގުރުއާން ބަދަކުކޮށް އެ ކަލާމްފުޅު އޮތް ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރުމުގެ މައްސަލަ ބޮޑުވުމެވެ. އެމީހުން އެދިވަޑައިގަތީ ވެރިމީހާ އާ ދެކޮޅަށް ތެދުވުމުގައި އެބޭފުޅުންނާ ބައިވެރިވެ ވަޑައިގަތުމަށެވެ. މިކަމާ ގަޑިއެއްހާއިރު ވަންދެން އިމާމްއާއި ފަނޑިޔާރުން ބަހުސްކުރެއްވިއެވެ. “ބަޔާންތަކުން (ދުލުންނާއި ގަލަމުން) ތިބޭފުޅުން އެކަމާ ދެކޮޅުވެރިވާށެވެ. ތިބޭފުޅުންގެ ކެތްތެރިކަމުގެ އަމުރު ތިބޭފުޅުންގެ އަތްތަކުން ދޫކޮށް ނުލާށެވެ. އެހެން މުސްލިމުންނަށް އަދާވާތްތެރިވުމަށް ބާރުނާޅާށެވެ. ތިބޭފުޅުންގެ ލޭ އޮހުރުވައި ނުލާށެވެ. އަދި އެހެން މުސްލިމެއްގެ ލޭވެސް ތިކަމާހެދި އޮހުރުވާނުލާށެވެ. ހެޔޮވެރިކަމެއް މިންވަރު ކުރައްވަންދެން، ކެތްތެރިވެގެން ތިބޭށެވެ.”

މުސްލިމްވެރިޔަކާ ދެކޮޅަށް ތެދުވުމާއި މެދު މުސްލިމުންގެ ބަޔަކު ޝެއިޚް އަލް އަލްބާނީ އާ ސުވާލުކުރެއްވިއެވެ. “ވެރިއަކާ ދެކޮޅަށް މިހާރު މިކިޔާ އަސްކަރީ ބަޢާވާތަކީ (MILITARY COUP) ދީނުގައި އޮންނަ ކަމެއްތޯ އެވެ؟ ނުވަތަ މިއީ އާ ކަމެއް ހެއްޔެވެ؟”

“ތިޔަ ކަމުގެ އެއްވެސް އަސްލެއް އިސްލާމްދީނުގައި ނުވެއެވެ. އަދި ތިޔައީ އިސްލާމީ މަންހަޖާ އިސްލާމީ ރިސާލަތާ ދެކޮޅު ކަމެއް. ތިކަމަކީ، ބަޔަކު އުފަންކޮށްފައިވާ، އަދި އެކަމުގެ ސަބަބުން މުސްލިމުންނަށް އަސަރުކޮށްފައިވާ ކަމެއް.”   އަލްބާނީ ޖަވާބުދެއްވިއެވެ.

މުސްލިމްވެރިޔަކު ކިތަންމެ އަނިޔާވެރިވި ކަމުގައި ވިޔަސް، އެފަދަ މީހަކާ ދެކޮޅަށް ތެދުވުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މަޝްހޫރު އިލްމްވެރިން ކަމަށްވާ ޝެއިޚް އަބްދުއްރަހްމާން އައްސާދީ، އިމާމް އަލް ބަރްބަހާރީ، އިބްނި ބާޒް، ޝެއިޚް ސާލިހް އަލް ފަޒްވާން އަދި އިބްން ތައިމިޔާ ފަދަ ބޭފުޅުން ހިމެނެއެވެ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s